ހ. އުނިހިޔާގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 23 މީހަކު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

Advertisement
Advertise with us

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު 15:12 ހާއިރު ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 16:19 ހާއިރުއެވެ.

އެމްއެންޑީއެފްއިން ބުނީ އުނިހިޔާގެ 3 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ 4 ވަނަ އަދި 5 ވަނަ ފަންގިފިލާއަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށެވެ.

އަދި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކަރަންޓްޝޯޓެއް ވެގެންކަން ލަފާކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ، މި ހާދިސާގައި އެ އިމާރާތުގެ 3، 4، 5 އަދި 6 ވަނަ ފަންގިފިލާއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން އެތަނުގައި ދިރިއުޅޭ 23 ފަރާތަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅޭ ހަތް ފަރާތަކަށް އަންނައުނުގެ އެހީތެރިކަންވެސް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައިވެއެވެ.