އެމްޑީޕީ އަކީ އެންމެ ދަތި ދުވަސްވަރު ގައުމު ސަލާމަތްކޮށްދިން ޕާޓީ ކަމަށާއި، އެ ޕާޓީއަށް ރައްޔިތުންގެ އިތުބާރު ހޯއްދަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެކުރިން މީހުން އެމްޑީޕީ ދެކެނީ މަގުމަތީ ހަރަކާތަށް އެކަނި ފަރިތަ ޕާޓީއެއް ގޮތަށް ކަމަށާއި ނަމަވެސް މިއަދު އެމްޑީޕީ ވެފައި މިއޮތީ މި ގައުމަށް އެންމެ ދަތި ދުވަސްވަރު ގައުމު ސަލާމަތްކޮށްދިން ޕާޓީ އަށް ކަމަށެވެ.

”ސަލާމަތީ ހިދުމަތްތަކުގެ އިތުބާރު އޮތް ޕާޓީއަކަށް. ހުރިހާ ޕާޓީތަކާއެކު މަސައްކަތް ކުރެވޭ ޕާޓީއަކަށް.“ ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީ އަށް ރައްޔިތުންގެ އިތުބާރު ހޯއްދަވާ ދެއްވި ރައީސަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އެގޮތުން މި ގައުމަށް ޑިމޮކްރެސީ ތައާރަފްވީ ފަހުން އެންމެ އަމާން ފަސް އަހަރަކީ މި ފަސް އަހަރު ކަމަށާއި ކޯލިޝަނަކާއެކު ވެރިކަމަށް ވަޑައިގެން ކޯލިޝަން އެއްބަސްވުމަށް އިހުތިރާމް ކުރެއްވި ހަމައެކަނި ވެރިޔަކީ ވެސް ރައީސް ސޯލިހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި، ގާނޫނުތަކާ އެއްގޮތަށް ވެރިކަން ކުރެއްވި ހަމައެކަނި ރައީސަކީ ވެސް ރައީސް ސޯލިހް ކަމަށާއި އަންހެނުންގެ ތަރައްގީ އަށް އެންމެ ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވީ ވެސް ރައީސް ސޯލިހު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.