ދާދި ފަހުން ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫ އަދި އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ރޭވުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Asuru

އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ސ. ގަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުނަ ނުދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެކަމަކު މުޖުތަމައުގައި އެފަދަ ނުރައްކާތައް ފަތުރާ، ރައްޔިތުންނާއި މުދަލަށް ގެއްލުން ދިނުމަށް ރާވާ ފަރާތްތަކުން ހަމައެކަނި އެކަމަށް ހުސްވެލައިގެން ތިބެ ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ އެފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަންކުރުމަކީ މިއަދު ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ އެ ގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކުރަންޖެހޭ ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށެވެ.