މަރުޙޫމް އާދަމް އިބްރާހީމް މަނިކުގެ ގައުމީ ހިދުމަތްތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނަކީ 1988 ނޮވެންބަރު 3 އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ދިފާޢުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި، ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެއް ކަމަށެވެ.
އެގޮތުން، އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާދެމުން ދަނިކޮށް، ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރައްވައި، އެމީހުންގެ ޙަރަކާތްތައް ބެއްލެވުމުގެ އަޒުމުގައި ބަހެއްގައި ބޭރަށް ނިކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސިފައިންގެ ހިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި، އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި މަރުޙޫމް އާދަމް އިބްރާހީމް މަނިކު އަގުހުރި މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއްގެ އިތުރުން، ސިފައިން ހިންގާފައިވާ ތަފާތު ގިނަ ހާއްސަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި އިހުލާސްތެރިއެއްގެ ގޮތުގައި ރައީސް އެމަނިކުފާނު ސިފަކުރެއްވިއެވެ.





