މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަންނަ އަހަރުގެ ނޮވެންބަރު 11 އާ ހަމައަށް ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އިންފްރާސްޓްރަކްޗަ މިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

Advertisement
Advertise with us

މިނިސްޓަރު މިފަދައިން ވިދާޅުވީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތްތަކުގެ ތެރެއިން މާލެއިން ވިލިމާލެއަށް އަދި ވިލިމާލެއިން ގުޅިފަޅަށް މިހާރު ވަނީ ގުޅުވައިލެވިފައެވެ. އެއާއެކު މުޅި މަޝްރޫއުގެ 80 ޕަސެންޓް ނިމިފައިވާކަން މުއްތަލިބު ވަނީ ފާހަގަކުރައްވައިފައެވެ.

”މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އަންނަ ނޮވެންބަރު 11 އަށް އެ މަސައްކަތް ނިންމާލެވޭނެ.“ މިނިސްޓަރު

މި މަޝްރޫއުގެ ތެރެއިން މާލެއިން ވިލިމާލެއަށް ގުޅައިލުމަށް އަޅާ 2.2 ކިލޯމީޓަރުގެ ބުރިޖުގެ މަސައްކަތް މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ނިންމައިފައެވެ.

އަދި ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބަޔަކީ ގާތްގަނޑަކަށް 750 މީޓަރުގެ ބައެކެވެ. މީގެ އިތުރުން ގުޅިފަޅުން ތިލަފުއްޓަށް ގުޅާލުމަށް ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެއް އަޅާ އިރު، އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކުންނެވެ.

ޖުމްލަ 6.7 ކިލޯމީޓަރުގެ މި ބިޔަ މަޝްރޫއުގައި ކަނޑު ހުރަސްކޮށް އަޅާ 3 ބުރިޖާއި، ގުޅާލެވޭ ރަށްތައް ހުރަސްކޮށް ހަދާ ހައިވޭ މަގުތައް ހިމެނެއެވެ.