ދަރިވަރުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ ”އެކުވެހި“ ހުޅުވަން ތައްޔާރުވެއްޖެއެެވެ.
މިއީ ތައުލީމު ހާސިލުކުރަން ދަރިވަރުން ކުރާ ދަތުރުގައި ހާއްސަކޮށް އަތޮޅުތަކުން ކިޔަވަން މާލެ ސަރަހައްދަށް ބަދަލުވާ ދަރިވަރުންނަށް ރައްކާތެރި، އަގުހެޔޮ އަދި ކިޔެވުމަށް ފަހި މާހައުލެއް ގާއިމުކޮށް ދިނުމުގެ ހަދާފައިވާ އިމާރާތެކެވެ. އެގޮތުންގ ކޯ-ލިވިން ރެސިޑެންސް ”އެކުވެހި“ ހަދާފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ.
އެތަނުގައި ޖުމުލަ 178 ޓްވިން-ޝެއަރިން ކޮޓަރި ހިމެނޭއިރު، މިއީ 356 ދަރިވަރުންގެ ޖާގައިގެ ޒަމާނީ އިމާރާތެކެވެ.

އެތަން ދަރިވަރުންނަށް ހުޅުވައިލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވައިލަން މިހާރު ތައްޔާރީތައްވަމުން އަންނައިރު، ކޮންމެ ދަރިވަރަކަށް މަހަކު ދައްކަން ޖެހޭނީ 3،500ރ.އެވެ.
އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކިވަކި އެނދާއި، އަލަމާރި، ކިޔަވާ މޭޒާއި ގޮނޑި، އަދި ފާޙަނާ ހުންނާނެއެވެ. މީގެއިތުރުން އިމާރާތުގައި ދިރިއުޅޭ ފަރާތްތަކަށް އާއްމުކޮށް ބޭނުންކުރެވޭ ގޮތަށް ޕޭންޓްރީ އާއި ލޯންޑްރީގެ ޚިދުމަތް ވެސް ލިބޭނެއެވެ.
އެޗްޑީސީން ބުނީ ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒެއްގައި ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ޕްރޮގްރާމެއްގައި ކިޔަވަމުން އަންނަ، މަދުވެގެން އެއް އަހަރު ދުވަހުގެ ކިޔެވުން ބާކީ އޮތް، އުމުރުން 35 އަހަރުން ދަށުގެ ދިވެހި ދަރިވަރުންނަށް ”އެކުވެހި“އަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 1 އިން ހުޅުވައިލާނެ ކަމަށެވެ.
”އެކުވެހި“ ބަލާލުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް މިހާރު އޮތީ ހުޅުވާލައިފައެވެ.





