މިއަދު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި އައްޑޫ ހުޅުދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ) ގެ ކެންޑިޑޭޓު ފާތިމަތު ނަބާހާ ކާމިޔާބުކުރައްވައިފިއެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެންޑިޑޭޓު ކުރި ހޯއްދެވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، ފާތިމަތު މުނީރުއާ ވާދަ ކުރައްވައިގެންނެވެ.
މި ބައި-އިލެކްޝަނުގައި ހުޅުދޫ ދާއިރާއިން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 2،903 ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުންޏެވެ.
ބައި-އިލެކްޝަނަށް ހުޅުދޫގައި ބަހައްޓާފައި ވަނީ ތިން ފޮއްޓެވެ. މާލޭގައި ވެސް ދެ ފޮށި ބަހައްޓާފައިވާ އިރު، ހުޅުމާލޭގައި ވެސް ވޯޓްފޮއްޓެއް ބަހައްޓާފައިވެއެވެ.
މިއަދު ކުރިއަށްދިޔަ ބައި-އިލެކްޝަންތަކުގެ ތެރޭގައި ހިމެނެނީ ވ. ތިނަދޫ ކައުންސިލުގެ ރައީސް އިންތިހާބު ކުރުމުގެ އިތުރުން، ހއ. ވަށަފަރު، ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމެވެ.
މި އިންތިހާބުގެ ވޯޓުލުމަށް މާލެ ސަރަހައްދުގައި 5 ވޯޓުފޮށި އަދި އަތޮޅުތަކުގައި 5 ވޯޓުފޮށި ހިމެނޭހެން ޖުމްލަ 10 ފޮށި ބަހައްޓާފައިވެއެވެ.





