ފ.ދަރަނބޫދޫގެ ކައުންސިލަރުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި، ރަށް ތަރައްގީ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫ ކައުންސިލް މެންބަރުން ވަނީ ކުޑަ ރަށެށް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ ހޯއްދަވައިދެއްވުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި، ފ. އަތޮޅަށް އެކަނި ބެލިކަމުގައިވިޔަސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ޤާއިމްކޮށްފައިވުމަކީ މިގޮތުން ސަރުކާރުން ކުރައްވާފައިވާ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

ދަރަނބޫދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

އެގޮތުން، ކައުންސިލުން ވަނީ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދާކަމުގައި ވިދާޅުވެފައެވެ. އަދި، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ޢިޖްތިމާޢީ މަރުކަޒެއްގެ މުހިންމުކަމާއި، ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި، ޞީއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ދަރަނބޫދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި، މާލީދަތިތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.