ޕާކިސްތާނުން ރާއްޖެ އަށް ކަނޑައެޅުއްވި އާ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހށް މިއަދު އަރުވައިފިއެވެ.

Ads by Asuru

ފަތްކޮޅު އެރުއްވުމަށް ފަހު، އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، މަރުޙަބާ ވިދާޅުވިއެވެ. އަދި ދެ ބޭފުޅުން ވަނީ ރާއްޖެ އާއި ޕާކިސްތާނާއި ދެމެދުގައި އޮތް ޒަމާންވީ ތާރީޚީ ގުޅުމުގެ މައްޗަށް ބައްލަވާ، އެ ގުޅުން ބިނާވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި، ވިސްނުމާއި، އެއްބައިވަންތަ އަޚްލާޤާއި، ޢަޤީދާމައްޗަށްކަމުގައި ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ތައުލީމާއި ސިއްހަތާއި ކުޅިވަރާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ސަރަހައްދީ އަދި ބައިނަލްއަގްވާމީ ދާއިރާ އިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ދާދި ފަހުން ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި، އެތައް ބައެއްގެ ފުރާނަ ގެއްލުމާއި ގުޅިގެން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ހަމްދަރުދީ އާއި ތަޢުޒިޔާ ފޮނުއްވި އެވެ.