މާތް ރަސްކަލާނގެ ހަޟްރަތުގައި ކުރާ ދުޢާ އިޖާބަ ކުރައްވަވާތޯ، އަޅުތަކުންނަށް ކުރެވޭނީ ކޮންކަމެއްތޯ މީހަކު ސުވާލު ކުރުމުން، ޝެއިޚް އާސިމް އަލް ހަކީމް ވިދާޅުވެފައިވަނީ، ދުޢާ އިޖާބަ ކުރައްވާތޯ ވަކި ޚާއްސަ ކަމެއް ކުރެވެން ނެތް ކަމަށެވެ.

Ads by Asuru

އިންސާނުންނަށް އޮތް ގޮތަކީ، އެމީހަކު އެދޭ ކަމެއް، ފުއްދަވައިދެއްވަންދެން، އެކަަމަކަށް އެދި ދުޢާ ކުރުން ކަމަށެވެ. އަދި އެއީވެސް އަދަބުވެރިކަމާއިއެކުގައި، އިހްލާސްތެރިކަންމަތީގައެވެ.

އަހުރެން ވަރަށް ފަހުން އުމްރާގެ އަޅުކަންވެސް އަދާކޮށް، މީހުންނަށް ސަދަގާތްވެސް ކުރިން ކަމަށާއި، އެކަންކަން ކުރީތީ ދުޢާ އިޖާބަކުރައްވަން ޖެހޭނެކަމަށް ހީވުން ނުވަތަ އެގޮތަށް ވިސްނުން އެއީ ގޯހެއް ކަމަށް ޝެއިޚް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސާނުންނަށް މާތް ރަސްކަލާނގެ ހަޟްރަތުން ކަންކަމަށް އެއްވެސް ވަރަކަށް ”ޑިމާންޑް“ ނުކުރެވޭނެ ކަމަށާއި، އަޅުތަކުން ކަންކަމަށް އެދެންވާނީ، ނިކަމެތިކަމާއެކުގައި ކަަމަށެވެ.

މީގެ އިތުރުން ޝެއިޚް ވަނީ ވަރަށް މުހިންމު އެހެންކަމެއްވެސް ފާހަގަކުރައްވައިފައެވެ. އެއީ ހުއްދަ ނޫން ގޮތުގައި ހޯދާ ފައިސާއިން ކައިބޮއެ، ފޭރާން ލައި އުޅޭ މީހުންގެ ދުޢާ ޤަބޫލު ނުކުރައްވަވާނެ ކަމެވެ. އެހެންކަމުން ދުޢާ އިޖާބަވުން އެދޭނަމަ، ހަރާމް ތަކެތި ކައިބޮއެ ހެދުމުން ދުރުވާން ޖެހެއެވެ.