ވެެރިއެއްގެ ހިތުގައި ގައުމުގެ ސަލާމަތަށް ނެތް ލޯތްބެއް، ރައްޔިތުންނަކަށް ނޯންނާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ޑރ.އަބްދުﷲ ހަލީލު ވިދާޅުވެއްޖެއެވެ.

Ads by Asuru

ސަރުކާރަށް ފާޑު ވިދާޅުވެ ހަލީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވެރިއެއްގެ ހިތުގައި ދިވެހި ގައުމުގެ ސިލްމާސަލާމަތަށް ނެތް ލޯތްބެއް ރައްޔިތުންނަށް އޮންނާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ.

”އެވެރިއެއްގެ އޮންނާނީ ކޮންމެ ގޮތެއް ހަދައިގެންވެސް އާރާބާރު ދެމެހެއްޓުމަށް އޮންނަ ލޯތްބެކެވެ.“ ހަލީލުގެ ޓްވީޓުގައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުން މިއަދު ތަޖުރިބާ ކުރަމުންދަނީ އެ ހާލަތު ކަމަށެވެ.

ހަލީލު މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ފަރާތްތަކުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވާފައެވެ.

”އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފުރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތްތައް ހުއްޓުވުން“ މި ނަމުގައި ރައީސް ސޯލިހު ނެރުއްވި ގަރާރުގައި، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތް ތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ބައްދަލުވުމެއްގައި ކަނޑައަޅާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވިއެވެ.

މިއީ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ޣައިރު ގާނޫނީ ގަރާރެއް ކަަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.