އުރީދޫ ކަލަ ރަން އަޕްގްރޭޑްކޮށް އާ ކަންތައްތަކާއެކު އުރީދޫ ފަން ރަންގެ ނަމުގައި ބޭއްވި ދުވުމުގައި 5000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެއްޖެއެވެ.
އުރީދޫ ފަންރަން ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައެވެ. މި ދުވުން ފައްޓަވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އަދި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ،ހުސައިން ނިޔާޒް ފަން ރަން ގެ ދުވުންތެރިންނާއެކު ނެންގެވި ސެލްފީއަކުންނެވެ.
މި ދުވުން ނިންމާލާފައިވަނީ ކުލަ ގަދަ ހަރަކާތްތަކާއެކު ވަރަށް ކާމިޔާބުކަމާއެކުގައެވެ. އެގޮތުން، އުރީދޫ ފަން ރަން އިން ފޯރިގަދަ ކަލަ ރަންގައި ފެނިގެން ދާ ކުލަ ޖެހުމުގެ އިތުރުން މަޖާ އިންފްލޭޓަބަލް އޮބްސްޓެކްލްސް ގެ އިތުރުން ދުވުން ނިންމާ ބައިވެރިން ފެނާއި ފޯމް ޕާޓީއަކުން 5 ކިލޯމީޓަރު ހަމަ ކުރުމުގެ އުފާ ފާހަގަކުރިއެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަން ރަން މިއަހަރަށް ވަރަށް ފުރިހަމަ ނިމުމެއް ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މި ފަން ރަން އަކީ އަހަރު ނިމުމަކަށް ގެނެސް، މުޖުތަމައުތަކާ އެކު މަޖާ އަދި އުފާވެރި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ބާއްވާ ދުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިއަހަރުގެ ދުވުމަކީ ޕެންޑެމިކަށްފަހު އުރީދޫ މޯލްޑިވްސްއިން ބޭއްވި ފުރަތަމަ ފިޒިކަލް ރަން ކަމަށް ވީ އިރު ބައިވެރިންގެ ފަރާތުން ލިބުނު ތަރުހީބާއި ފެނުނު އުފާވެރިކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.“ އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މި ހަރަކާތަކީ މަޖާ 5ކޭ އެއްގެ ގޮތުގައި އާ އަދި ތަޖުރިބާކާރު ދުވުންތެރިންނަށް ވެސް މި އުފަލުގައި ބައިވެރިވުމަށް މަރުހަބާ ކިޔާ ހަރަކާތެކެވެ.
ކޮންމެ ކިލޯމީޓަރެއް ދުވުމުން ކުލަޖަހާ ތަފާތު ފަން ސްޓޭޝަންތަކާއި އެކު ދުވުން ނިންމާލައިފައިވަނީ ވޯޓާ ފައުންޓޭނަކާއި ފޯމް ޕާޓީއަކުންނެވެ. އުރީދޫ ފަން ރަންގެ ބައިވެރިން ދުވުން ނިންމާލާފަރާތްތަކަށް ބޭއްވި ފޯމް ޕާޓީއާއެކު ސޯޝަލް މީޑިއާގައި ވަނީ ދުވުމުގެ ގެ މެޑަލްތަކާއި އުފާފާޅުކުރުމުގެ ހިތްގައިމު ފޮޓޯތަކުން ފުރިފައެވެ.
އުރީދޫ ފަން ރަންގެ ދެވަނަ އެޑިޝަން އަންނަ އަހަރު ބޭއްވުމުގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި މި ދުވުން ރާއްޖޭގެ ސަރަގައްދުތަކަށް ފުޅާކޮށް، މި މަޖާ ހަރަކާތުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެކަމުގެ ޔަގީންކަން އުރީދޫއިން އަރުވައެވެ.