މި ދުވަސްވަރު އެކި ބާވަތްތަކުގެ ރޯގާ ފެތުރޭ މިންވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

Ads by Asuru

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ސްކޫލް ޗުއްޓީ ދުވަސްވަރު ރާއްޖޭން ބޭރަށާއި އަތޮޅުތެރެއަށް ދަތުރު ފަތުރުކުރުން އިތުރު ވުމާއި ގޭގެއަށް ޒިޔާރަތް ކުރުމާއި، މީހުން އެއްވެ އުޅުން އިތުރު ވެގެންދާނެ ކަމަށެވެ. މިވަގުތު އަވައްޓެރި ގައުމުތަކުގައި އިތުރުވާކަމަށް ފާހަގަ ކުރެވިފައި ނެތްކަމުގައި ވިޔަސް، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮވިޑް-19 އިތުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ބުނީ މި ދުވަސްވަރު ރާއްޖޭގައި ހޭންޑް ފުޓް އެންޑް މައުތު ބަލި ، އަރިދަފުސް ރޯގާ އަދި ލޮލުރޯގާ އާންމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާ ކަމަށެވެ. އަދި ޑެންގީހުމާއި އެހެނިހެން ބަލިތައް ފެތުރުން އިތުރުވުމުގެ ފުރުސަތު އޮތުމާ އެކު، ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ މި ދުވަސްވަރު ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން އިތުރު ކުރުމަށާއި، ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށާއި، ނިވާކުރުމަށް ޓިޝޫ އެއް ނެތްނަމަ، ތިމާގެ މުލައްދަނޑިން އަތާއި، އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރެއްވުމަށް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން ހުން އައިސް ކެއްސާނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.