ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު އާތިފް ހިޔާ ސަރަހައްދަށް ވަޑައިގަންނަވައިފިއެވެ.

Ads by Asuru

އާތިފް އެ ސަރަހައްދަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ.

އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދަކީ ދިރިއުޅެން ފަސޭހަ، އަދި ރައްޔިތުންނަށް ވީހާވެސް ގިނަ ހިދުމަތްތަކެއް ލިބޭ ސަރަހައްދަކަށް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބަލައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް އެމްޑީ އާތިފް ހިޔާ ސަރަހައްދަށް ވަޑައިގަންނަވާފައިވާ ކަމަށެވެ.

ދާދިފަހުން އާތިފް ވަނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންކަން ހައްލުކުރުމަށް އެކުލަވާލައިފައިވާ “ހިޔާ ކޮމިއުނިޓީ“ގެ އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކާ ވެސް ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި އެޗްޑީސީގެ މެނޭޖްމަންޓަށް އިތުރަށް ރަނގަޅުކުރެވިދާނެ ޚިދުމަތްތަކާމެދު މަޝްވަރާކުރެއްވިއެވެ.

އާތިފް ވިދާޅުވި ގޮތުގައި އެ ކުންފުނިން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރަނގަޅުކޮށް ފުޅާކުރުމުގައި އެ ފަރާތްތަކުގެ ޚިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.