އެޗް.ޕީ.އޭއިން އިސްނަގައިގެން ހުޅުމާލޭގައި މަދިރިއާލާވާ ތަންތަން ނައްތާލުމަށް ކުރިޔަށްގެންދާ ކެމްޕޭން ”މަދިރި ހޯހޯ“ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

Ads by Asuru

ހުޅުމާލެ ރުއްގަނޑު އެކެއްގައި ފެށިގެން ދިޔަ މި ކެމްޕޭނަކީ އެޗްޕީއޭގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.

މި ކެމްޕޭން އިފްތިތާޙް ކޮށްދެއްވަމުން މާލެ ސިޓީގެ މޭޔަރު ވަނީ މާލެ ސިޓީގައި ވަރަށްބޮޑަށް މަދިރި އާލާވާ ތަންތަނާއި، ކުނި ގިނަވެ ނުސާފުކޮށް އޮންނަ ތަންތަން ގިނަކަން ފާހަގަކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ އަދި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްވެސް ސާފުތާހިރުކޮށް ބޭއްވުމަކީ އެންމެން ގުޅިގެން ނޫނީ ހައްލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދި މިކަމަކީ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސްކޫލްތަކުން ޚާއްސަ ދުވަހެއްގައި ނުކުމެ ސާފުކޮށްލުމުން އެކަނި ހައްލު ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިއީ ފަރުދީ ޒިންމާ އަދާކޮށް، އެންމެން އެކުގައި މެނުވީ ހައްލު ނުކުރެވޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން މޭޔަރު ވަނީ ސާފުތާހިރުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.

މޭޔަރު ގެ އިލްތިމާސް އަކީ މާލެ ސިޓީއަކީ ބަލިތަކުން ރައްކާތެރި ވެފައިވާ ސާފުތާހިރު ސިޓީއަކަށް ހެދުމަށްޓަކައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކާއި، އެތަންތަނުގެ ވެރިންގެ އިތުރުން މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ފަރުދީ ޒިންމާ އަދާކުރުމާއި އެކު މުއައްސަސާ ތަކާއި ގުޅިގެން މަސައްކަތްކުރާ ބަޔަކަށް ވެގެންދިއުމެވެ.