މާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި އަދި މައިޒާންތަކުން ކުނި ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން 24 ގަޑިއިރު ކުރިއަށް ގެންދާނެކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާލެ ސިޓީ އާއި ވިލިމާލެ ކުނިކަހާ ކުނި ނެގުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލުން އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ.

މާލޭގެ ކުނި ކެހުމާއި ކުނި ނެގުމުގެ މަސައްކަތް ކުރާނީ 16 ޒޯނަކަށް ބަހާލައިގެންކަމަށާއި ވިލިމާލޭގައި އެ މަސައްކަތް ކުރާނީ ހަތަރު ޒޯނަކަށް ބަހާލައިގެންކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އަދި ކޮންމެ ޒޯނަކަށް މަސައްކަތް ކުރަން ޓީމެއް ނަގާނެކަމަށާއި ކޮންމެ ޒޯނަކަށް ސުޕަވައިޒަރެއްވެސް ހުންނާނެކަމަށް މޭޔަރު ވިދާޅުވި އެވެ. އޭގެއިތުރުން ހަތަރު ޒޯނުން ހަތަރު ޒޯނުން ގްރޫޕުކޮށް އެ ގްރޫޕުތައް ބަލަހައްޓަށް ސީނިއާ ލެވެލްގެ ސުޕަވައިޒަރަކާއި އޮޕަރޭޝަން މެނޭޖަރެއްވެސް ކަނޑއަޅާނެކަމަށާއި މުޅި އޮޕަރޭޝަން ހެޑްކުރަން އިންޗާޖެއް ވެސް ކަނޑައަޅާނެކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކުނި ކެހުމުގެ މަސައްކަތް ކުރިއަށް ދާނީ ދެ ޝިފްޓަކަށް ބަހާލައިގެންކަމަށާއި ރޭގަނޑު 10:00 އިން ފެށިގެން ފަތިސް ވަންދެން އެއް ޝިފްޓްގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. ކުނިކެހުމުގެ ދެވަނަ ޝިފްޓް ފެށޭނީ ހެނދުނު 6:00 ޖަހާއިރުއެވެ. އެގޮތުން ހެނދުނު 6:00 ފެށިގެން 12 ޖަހަންދެން އެ ވަގުތުތުގައި ބޭނުން ޖެހިއްޖެ ނަމަ ކުނިކަހާނެކަމަށާއި އެޓީމަކާއި ހަވާލުވެފައިވާ ސަރަހައްދު ސާފުކޮށް ނުނިމެންޔާ ސާފުކޯށް ނިމެންދެން މަސައްކަތް ކުރާނެ ކަމުގައި މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކުނިކަހާ ކުނިނެގުމުގެ މަސައްކަތަށް މާލެއަށް 120 އަދި ވިލިމާލެއަށް 30 މުވައްޒަފުން ނަގާނެ ކަމަށެވެ. މޭޔަރު ވިދާޅުވީ ކުނީގެ މަސައްކަތަށް މިހާރު ގެންގުޅެނީ 10 ޕިކަޕްކަމަށާއި ނަމަވެސް އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި އަދި އިތުރު 10 ވެހިކަލް ހޯދަން ހިމަނާފައިވާނެކަމަށެވެ.