ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ހަވާލުވެފައިވާ ޒިންމާގެ ދަށުން، އެކުންފުނިން ނަގަން ޖެހޭ ކުނީގެ ތެރެއިން، މިއަދު ހަވީރާ ހަމައަށް 22.75 ޓަނުގެ ކުނި އުކާނުލާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު ވިދާޅުވީ މި ހުރިހާ ކުންޏަކީވެސް، މާލޭގެ ގޭގެއިން މަގުމައްޗަށް ނެރެފައި ހުރި ކުނި ކަމަށާއި، އެ ކުުނިތައް އުކާލުމަށް ވެމްކޯއަށް އެގެތަކުން ފައިސާ ދައްކާ ކަމަށެވެ.

މޭޔަރު ވަނީ ރޭގައިވެސް ވެމްކޯއިން ގޭގެއިން ގެންދަން ޖެހޭ ކުނި ނުގެންދާކަން ފާހަގަކުރައްވައި، އެ މަސައްކަތް ކުރުމަކީ އެކުންފުނީގެ ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.

”ނަމަވެސް ރޭގައި، ގަސްތުގައި އެކުނި ނުގެންދޭ. އެ ކުނީގެ 10 ޓަނުގެ ކުނި ކައުންސިލުން މިހާތަނަށް ނަގައިފިން. އަދި އެކުނި ވެމްކޯ ސައިޓަށް ގެންގޮސް ވެއްދޭނީވެސް، ވެމްކޯއަށް ގޭޓް ފައިސާ ދައްކާފަ. ވެމްކޯއިން މިގޮތަށް އަމަލު ކުުރާނެ ކަމަށް ބެލެވުނު.“

މޭޔަރު އިތުރަށް ވިދާޅުވީ މާލެ ތެރެ ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް، މާލެ ސިޓީ ކައުންސިލުން ކުރާނެ ކަމަށެވެ.

އަދި މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. މާލެއާއި ވިލިމާލޭގެ މަގުތަކާއި ޕާކުތަކާއި އަދި މައިޒާންތަކުން ކުނި ނެގުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން 24 ގަޑިއިރު ކުރިއަށް ގެންދާނެކަމަށް މޭޔަރު އިއްޔެ ވިދާޅުވިއެވެ.

ކުނި ނެގުމުގެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުން ވެމްކޯއާއެކު ހެދި އެއްބަސްވުން އާ ނުކުރީ، އެ ކުންފުނީގެ ހިދުމަތާމެދު އާއްމުންގެ ޝަކުވާ ބޮޑުވެ، އެ ކުންފުނިން ކުރަން ޖެހޭ މަސައްކަތް، ސިޓީ ކައުންސިލަށް ކުރަން ޖެހުމުންނެވެ.