ބަންދުގައި ތިބޭ މީހުންނާ ބައްދަލު ކުރުމުގެ ފުރުސަތު އާއިލާގެ ގިނަ މީހުންނަށް ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by Asuru

މިހާތަނަށް އަމަލުކުރަމުން އައި ގަވާއިދަށް ބަލާއިރު ފުލުހުންގެ ކަސްޓޯޑިއަލް ޖަލުތަކުގައި ތިބޭ މީހުންނާ ބައްދަލު ކުރެވޭނީ އަނބިންނާއި ފިރިންނާއި ދަރިންނާއި ދަރިންގެ ދަރިންނާއި މައިންބަފައިންނާއި މާމަ އާއި ކާފަގެ އިތުރުން ދޮންބައްޕަ އާއި ދޮންމަންމަ އާއި އެއްބަނޑު އެއްބަފާ މީހުންނާއި ޝަރުއީ ބަދަލުވެރިންނަށެވެ. ނަމަވެސް ގަވާއިދަށް ގެނައި އިސްލާހުގެ ދަށުން ބޮޑުބޭބެ އާއި ބޮޑުދައިތަ އާއި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންގެ ދަރިންނަށް ވެސް ބަންދުގައި ހުންނަ މީހާއާ ބައްދަލު ކުރެވޭނެ އެވެ. އަދި ދޮން މާމަ އާއި ދޮން ކާފައާ ވެސް ބައްދަލު ކުރެވޭނެއެވެ.

ޖަލުގައި ބައްދަލު ކުރުމުގެ އިތުރުން ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ އުސޫލަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެއާ އެކީ އާއިލީ ގޮތުން ކުރިން ފާހަގަކުރި ގާތް މީހަކު މަރުވެއްޖެ ނަމަ، ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ބަންދުގައި ހުންނަ މީހާ އަށް ލިބޭނެއެވެ.

ފުލުހުން ބުނީ މި ގަވާއިދުގެ މި އުސޫލުތައް ހިނގާނީ ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނަށް އެކަނި ކަމަށެވެ.