ނ.ޅޮހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

Ads by Asuru

މި މަޝްރޫއު އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގެ ދަށުން، 66،701.94 ކިއުބިކް މީޓަރުގެ ސަރަަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކޮށް، 2،205 ކިއުބިކް މީޓަރުގެ ސަރަަހައްދެއްގެ ނެރު ފުންކުރުމާ އެކު، 321.70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

މީގެ އިތުރުން 95 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ އިތުރަށް 366 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެއެވެ.

މި މަޝްރޫއާ އެކު، އެމްޓީސީސީން 1،720 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.