އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރަން އުޅެނިކޮށް، އެ ކުއްޖާ އެކަމާ ދެކޮޅު ހަދައި، އެ މީހާއާ ކުރިމަތި ލުމުން، އެ އަންހެން ކުއްޖާ މަރާލި ކަމުގެ ތުހުމަތުގައި 21 އަހަރުގެ ފިރިހެނަކު އިންޑިއާގެ ފަރީދާބާދުން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފިއެވެ.

Ads by Asuru

މީގެ މަހެއްހާ ދުވަސް ކުރިން މަރުވި އަންހެން ކުއްޖާގެ ދައްތައަކަށް ވެސް ޖިންސީ ގޯނާ ކުރަން އެ މީހާ މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގްރޭޑް އެކެއްގައި ކިޔަވަމުން ދަނިކޮށް މަރުވި އަންހެން ކުއްޖާ ގެއްލިގެން ހޯދަމުން ދިޔައީ އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ސްކޫލަށް ގޮސް ގެއަށް ނައުމުން ކަމަށެވެ.

ވަޒީފާގައި އުޅޭ އޭނާގެ ބައްޕަ އާއި ގޭގައި މަސައްކަތް ކުރާ މަންމަ އަށް އޭނާ ނުފެނުމުން ބުދަ ދުވަހު އެ މީހުން ވަނީ ފުލުހުންނަށް އެކަން އަންގާފައެވެ.

ފުލުހުން ބުނީ ސީސީޓީވީ ފުޓޭޖް ބެލި ކުރި އިރު، އެ ފުޓޭޖުގައި ކުޑަ އަންހެން ކުއްޖާގެ ފަހަތުން އެ މީހާ ދިޔަ މަންޒަރު ފެނިފައިވާ ކަމަށެވެ. ވަރަށް އަވަހަށް ފުލުހުން ވަނީ އެ މީހާ ދެނެގަނެ، އެ މައްސަލަ ހުށަހެޅިތާ 12 ގަޑިއިރު ނުވަނީސް އޭނާ ހިފަހައްޓައިފައެވެ.