އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ގުނަން ފަށާފައިވާއިރު މިހާތަނަށް ލިބުނު ނަތީޖާތަކުން ކުރީގައި އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ދައްކައިފިއެވެ.

Ads by Asuru

ޕްރައިމަރީގައި ރައީސް ވާދަކުރެއްވީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ.

ވޯޓުލުމުގެ ވަގުތު ހަމަވުމުން ފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ފަށާފައިވާއިރު މިހާތަނަށް އިއުލާންކުރި ގިނަ ވޯޓު ފޮށިތަކުން ބޮޑުތަނުން ކުރީގައި އުޅުއްވަނީ ރައީސް ސޯލިހެވެ. އެގޮތުން ރައީސް މިވަގުތު އުޅުއްވަނީ 67 ޕަސެންޓުން ކުރީގައެވެ.

ނަތީޖާތަކުން ރައީސް ކުރީގައި އުޅުއްވާއިރު ނަޝީދު ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވާ ކަމަށް އެމަނިކުފާނުގެ ކެމްޕޭން އެޖެންޓް އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ ވިދާޅުވެފަ އެވެ.

ހަސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގްޒިޓް ޕޯލް ތަކުން ދައްކާ ގޮތުގައި ނަޝީދު 64.7 ޕަސެންޓާ އެކު އޮތީ ކުރީގައި ކަމަށެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9 އިން ހަވީރު 5 ޖެހުމާ ހަމައަށެވެ.