ޕޮލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު އެޑަމް ބްރަކޮވްސްކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަދާއީ ޒިޔާރަތްކުރައްވައިފިއެވެ.

Ads by Asuru

މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ޕޮލެންޑުގެ ސަފީރަށް މަރުޙަބާއާ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
އަދި، އެމަނިކުފާނު ވަނީ ރާއްޖެއާއި ޕޮލެންޑުގެ ގުޅުން ބަދަހި ކުރެއްވުމަށް ޕޮލެންޑުގެ ސަފީރު ކުރެއްވި އިހްލާސްތެރި މަސައްކަތްޕުޅު ފާހަގަކުރައްވައި ސަފީރަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް އާއި ޕޮލެންޑުގެ ސަފީރު ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހާއްސަކޮށް، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއާއި ޕޮލެންޑުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި، ސިވިލް އޭވިއޭޝަން އަދި، މީހުން ބިނާކުރުމާއި، މޫސުމީ ބަދަލުކަތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ.

ޕޮލެންޑުގެ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ. އަދި، ރައީސް ވަނީ ދެގައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

އަދި، ކުރިޔަށްއޮތް ތަނުގައި ޕޮލެންޑުގެ ސަފީރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.