ކޮރަޕްޝަން އިންޑެކްސްގައި ދިވެހިރާއްޖެއަށް ކުރިއެރުމެއް ނުލިބޭތީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު، މުހައްމަދު ވަހީދު (ވައްޑެ) ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެއަށް ކުރިއެރުމެއް ނުލިބި، އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ވަނީ ބުނެފައެވެ. މިކަމާ ގުޅުންހުރި ހަބަރެއް ޓްވިޓަރގައި ހިއްސާ ކުރައްވައި ވައްޑެ ވިދާޅުވީ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެއަށް ކުރިއެރުމެއް ނުލިބުނުއިރު، ސަރުކާރުން، ކޮރަޕްޝަަނަށް ޒީރޯ ޓޮލެރެންސްގެ ސިޔާސަތެއް ގެންގުޅެމުން އަންނަތާ ހަތަރު އަހަރުވެފައިވާ ކަަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމާއި ދައުވާކުރުމާއި ގާނޫނުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ސިޔާސީ މީހުންނާއި ސަރުކާރުގެ މުވައްޒަފުން ޒިންމާދާރު ނުކުރެވޭ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

އޭގައި ބުނެފައިވަނީ ސީޕީއައިގެ މެދުމިނުގެ ގިންތީގައި ހިމެނިފައިވުމުން އަންގައިދެނީ ވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކާއި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ ބައެއް މީހުން އާންމުންނަށް ގެއްލުންވާގޮތަށް ނުހައްގުން މަންފާ ހޯދުމުގެ މައްސަލަ އޮތުން ކަމަށެވެ.