މާލެ އަދި ވިލިމާލޭގެ އާންމު ސަރަޙައްދުތަކާއި ތަކުން ކުނި ނެގުމުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން މިއަދު ހުޅުވައިފިއެވެ.
މިއަދު ހެނދުނު މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވައިދެއްވުމަށްފަހު މޭޔަރު މުޢިއްޒު ވިދާޅުވީ އެ އޮފީހަކީ މާލެ ސިޓީ ކައުންސިލުން މާލެތެރެ ކުނިކަހާ އަދި ކުނިނަގާ ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމާއި ހަވާލުވެ އެމަސައްކަތާއިގުޅޭ އިދާރީ ކަންކަން ކުރިއަށްގެންދިއުމަށް ޖާގަ ނެތުމާއިއެކު ޖާގަ ހަމަޖެއްސުމަށްޓަކައި ކުރެވުނު މަސައްކަތުގެތެރެއިން ހުޅުވުނު އޮފީހެއްކަމަށެވެ.
މޭޔަރު ވިދާޅުވީ މިއީ މާލެ ސިޓީގެ ރައްޔިތުންނާއި ގާތުން އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ބެލުމުގެ ދަށުން މާލެތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާގޮތެއްގައި ގެންދިއުމަށް އެޅުނު ވަރަށް ބޮޑު ފިޔަވަޅެއްކަމަށެވެ. އަދި މި އޮފީސް ހުޅުވިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުންނާނީ މާލެ ސިޓީގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގައެވެ.