މިދިޔަ ހޯމަ ދުވަހުގެރޭ ތުރުކީ އާއި ސީރިޔާ ގުޅޭ ބޯޑަރު ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ރާއްޖެ އިން މަސްދަޅު ފޮނުވުމަށް ނިންމައިފިއެވެ.

Ads by Asuru

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ބިންހެލުމާ ގުޅިގެން ތުރުކީ އަދި ސީރިޔާގެ ވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ.

އަދި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ތުރުކީ އަދި ސީރިޔާ އަށް ޖުމްލަ 1 މިލިއަން މަސްދަޅު ފޮނުވުމަށް ރައީސް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.

ބިންހެލުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ތުރުކީ އަދި ސީރިޔާ އަށް އެހީގެ ތަކެތި ފޮނުވަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން 7.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި ތުރުކީން މަރުވި މީހުންގެ އަދަދު ވަނީ 17،674 އަށް އަރާފައެވެ.

އަދި ސީރިޔާ އިން ވަނީ 3،377 މީހަކު މަރުވެފައެވެ. އެއާއެކު ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ 21،051 އަށް އަރާފައެވެ.

ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެގޮތުން ބިންހެލުމާ ގުޅިގެން ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި މީހުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މޫސުން މިވަގުތު ހުރި ގޮތުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް އަންނަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ.