ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް ދިނުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Asuru

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އޮންލައިން ނޫސް ”މިހާރު“އަށް ދެއްވި އިންޓަރވިޔުއެއްގައެވެ. ފައިސަލް މިހެން ވިދާޅުވިއިރު، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީ އަކީ ޖުމްހޫރީ ޕާޓީއެވެ. އަދި އެ ޕާޓީން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމަލު ކުރާނެ ވަކި ގޮތެއް ކަނޑައަޅައިފައެއް ނުވެއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ އެ މަނިކުފާނަށް ފުރުސަތު ލިބިވަޑައިގަންނަވާ ކަމަށް ވާނަމަ، މާ ރަނގަޅަށްވެސް މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވައި، ރައްޔިތުންނަށް ކަމެއް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ކަމަށެވެ.

”އެހެންވީމަ، އަޅުގަނޑު ވަރަށް ޝައުގުވެރިވާނެ ހަަމަ، މި ގޮތަށް މަސައްކަތުގައި އުޅެން.“

ނައިބު ރައީސް ފައިސަލް ރައީސް ސޯލިހަށް ތާއީދު ކުރައްވާކަން ހާމަކުރެއްވިއިރު، އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ހުންނެވި އާދަމް އާޒިމް ވެސް ވަނީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައި، އެކަން ހާމަ ކުރައްވައިފައެވެ.