ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުލްސަމަދު އެ ގައުމުން ބޭރުކޮށްލާފައިވަނިކޮށް އޭނާއަށް ދިން ބަހުގެ ހަމަލާތަކާއި ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރަސްމީކޮށް އެރުވުމަށް ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ ސިފައިންނަށް އެކި ގޮތްގޮތަށް ގޮންޖަހައި ވާހަކަ ދެއްކި އިދިކޮޅު ސަޕޯޓަރަކު ތުނބުޅި ބާލައި ތައްޔާރުވެ، އާއިލާއާއިއެކު އިންޑިއާއަށް ދިޔުމުން ޑީޕޯޓުކޮށްލި ކަމަށެވެ.
އަދި އޭނާ އަނބުރާ ރާއްޖެ އައިސް، އޭނާއަކީ ސިފައިންގެއަށް މުޅި އުމުރު ހިދުމަތް ކުރި މީހެއް ކަމަށް ބުނެ ”ކީރިތި ކުރެއްވި“ ކަމަށް މާރިޔާ ވިދާޅުވިއެވެ.
”ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ސިފައިންނާ ފުލުހުންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ޖަޑިބެއްހެން ކުރީގައި ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގަ. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތިފުޅު ކުރައްވަމުން“ މާރިޔާ ވިދާޅުވިއެވެ.
މާރިޔާގެ ވާހަކަފުޅުގައި ކުރިން ސިފައިންގެއިން ތަމްރީނު ލިބިލެއްވި ފަރާތްތަކަކީ ”ފިނޑި“ ބައެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މި ސަރުކާރުން ތަމްރީނު ކުރަނީ ހިތްވަރުގަދަ ސިފައިން ކަމަށްވެސް ވިދާޅުވިއެވެ.
މި ވާހަކަތަކާ ގުޅިގެން، ވަރަށް ގިނަ ބަޔަކު މާރިޔާއަށް ފާޑު ކިޔަމުން އަންނައިރު، އެ ކަމަނާ ދިފާއީ ވަޒީރުގެ މަގާމަށް ކުފޫ ހަމަ ނުވާ ކަަމަށް ބުނެ އިސްތިއުފާއަށްވެސް ދަނީ ގޮވާލަމުންނެވެ.
މި މައްސަލައިގައި އިދިކޮޅުންވެސް ކަންބޮޑުވުންފާޅުކޮށް ބަޔާން ނެރެފައިވާއިރު، ސަމަދުބުގެ ކިބައިން މާރިޔާ މާފަށް އެދުމަށްވެސް މީސްމީޑިއާގައި އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.