ކ. ތިލަފުށިން ބިދޭސީ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ކުއްޔަށް ދޭން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޭއްވުމަށް ނިންމި ހިނގާލުން މި އަންނަ ހުކުރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަރަކާތު ކޮމެޓީގެ ޗެއާ މުޙައްމަދު އިސްމާއީލް ވިދާޅުވީ ހުކުރު ދުވަހު ހަވީރު 3:45އަށް، މި ސުލްހަވެރި އެއްވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ޕީޕީއެމްގެ އޮފީސް ކައިރިއަށް އެއްވުމަށް އެދޭ ކަމަށެވެ.

އެއްވުމާ ގުޅޭގޮތުން ވާހަަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ދިވެހިރާއްޖޭގެ ބިމާއި ބިމުގެ މުއާމަތާތްތައް ހިނގުމަށް ހެދިފައިހުރި ޤާނޫނުތަކާއި ހިލާފަށް މި ސަރުކާރުން ސިޔާސީ ބޭނުމަށް މި ގައުމުގެ ބިންތައް ބޭރުގެ ފަރާތްތަކަކަށް ވިއްކުމަށް ނިންމާފައިވާކަމަށެވެ.

އަދި މިއީ ރައްޔިތުންގެ ވަރަށް ކަންބޮޑުވުން އޮތް ކަމެއްކަމަށާއި މި ސަރުކާރުވެސް އަދި ދައުލަތްވެސް ޒިންމާދާރުކުރުވުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އެޅިފައި މިއަދު އޮތީ އިެ ކޯލިޝަނުގެ ކޮނޑުގައިކަމަށް ވާއިރު ސަރުކާރުން ޖަވާބު ދާރީކުރުވުމަށް ކުރެވެން ހުރި ހުރިހައި ކަމެއް އެ ކޯލިޝަނުން ކުރާނެކަމަށް ޝިޔާމް ވިދާޅުވެފައިވެއެވެ.

”މި ކަމަކީ ކޮރަޕްޝަނުގެ އަމަަލެއްގެ އިތުރުން، މަޤާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ އިތުރުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާ ކަމެއް. މީގެ ނުރައްކާތެރި ކަމަކީ، ތިލަފުށީގެ ބޮޑު ބައެއް، މުޅި ތިލަފުށި ކަހަލަ ގޮތަަކަށް، ބޭރުގެ ބައެއްގެ އަތް މައްޗަށް މުޅި އުމުރަށް މި ދެނީ. 99 އަހަރު އެއީ މީހެއްގެ އެވްރެޖް އުމުރަށްވުރެ ދިގު.“

ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ތިލަފުށިން ބޭރުގެ ކުންފުނިތަކަށް ބިން ދޫކުރެވޭނީ އެއީ ސަރުކާރުގެ ފޮރިން ޑިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ (އެފްޑީއައި) ގެ ދަށުން ހުއްދަ ދީފައި އޮތް، އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނަމަ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ތިލަފުށިން ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަން އެ ކުންފުނިން އިއުލާންކުރީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމައި، އެ ބިމުގެ ތެރެއިން 4.3 ހެކްޓަރު ބީލަމުގެ އުސޫލުން ދޫކުރާނެ ކަމަށެވެ.