ކައުންސިލްތަކަށް ގާބިލް މީހުން އުފެއްދުމަށް އިސްކަން ދޭންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

Ads by Asuru

ލޯކަލް ގަަވަމަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަނަންސް (އެމްއައިއެލްޖީ) ރަސްމީކޮށް އިފުތިތާހު ކުރަން ރޭ ބޭއްވޮ ޖަލްސާގައި ފައިސަލް ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި ވަސީލަތްތައް ޤާއިމު ކުރުމަށް ކުރާ މަސައްކަތްތަކެކޭ އެއް ފަދައިން ގާބިލު މީހުން ވެސް އުފައްދަން ޖެހޭ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ އެއް ތާކަށް ޖަމާވެފައިވާ ބާރުތައް ލާމަރުކަޒުކޮށް ރަށްތަކަށް ކައުންސިލްތަކަށް ދޫކޮށްލައި، ރައްޔިތުންނަށް ޚިދުމަތްތައް ފަސޭހަކޮށް ލިބޭ ގޮތަށް މަގުފަހިކޮށް ދިނުމަށް ވަރަށްބޮޑު އަހައްމިއްޔަތު ކަމެއްދޭ ސަރުކާރެއް ކަމަށެވެ.

އެގޮތުން މި ސަރުކާރުން ފެށި ދަތުރަކީ ހަގީގީޫ މާނައިގައި ރާއްޖެ ލާމަރުކަޒު ކުރުންކަން ފާހަގަކުރައްވައި ލާމަރުކަޒީ ނިޒާމަށާއި ހާއްސަކޮށް އަންހެނުން ބާރުވެރިކުރުމަށް ކުރި މަސައްކަތްތަކާއި އެ ކަންކަމުގައި މިހާތަނަށް ކުރިއެރުންތަކެއް ވެސް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްއައިއެލްޖީގެ އާ ވެބްސައިޓް ވެސް ލޯންޗްކޮށް، ކުރިއަށް އޮތް ތިން އަހަރުގެ ސްޓްރެޓެޖިކް ޕްލޭނާއި ކިއެވެނި ޕޯޓަލް ވެސް ލޯންޗްކޮށްފައިވެއެވެ.