ޗަކަ ފެނުން ފެންވަރަން ޖެހޭތީ، ދިވެހި ކަނބަލުން މީގެ ކުރިން ކިތަންމެ މީރު ވަސްދުވާ ސެންޓެއް ޖަހައިގެން ނިކުތަސް ކަނބަލުންގެ ގައިން މީގެ ކުރިން މީރުވަހެއް ނުދުވާކަމަށް، ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ރާޝިދު ވިދާޅުވުމުން، އޭނާއަށް ބައެއް މެމްބަރުންގެ ނުރުހުން އަމާޒުވެއްޖެއެވެ.

Ads by Asuru

މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާޝިދު ވިދާޅުވީ، ރަށްފުށުގެ ފެނުގެ ނިޒާމު ނެތިގެން، ރައްށަފުށުގައި ތިބި ލޯބި އަންހެން ކުދިންގެ މޫނުމަތިން، މިއަދު ސާފު ފެން ލިބެންފެށީމާ ޗާލުކަން ފެންނަ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މީގެ ކުރިން ދިވެހި އަންހެން ކުދިން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނިކުތްނަމަވެސް، މީގެކުރިން ކަނބަލުންގެ ގައިން މާ މީރުވަހެއް ނުދުވާ ކަމުގައެވެ. އަދި އެއީ ޗަކަފެނުން ފެންވަރަން ޖެހުމުގެ ސަބަބުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަޅުގަޑުމެން ރަށްފުށުގެ ފެނުގެ ނިޒާމު ނެތިގެން، އަނެއްކައްޗެއް ނެތިގެން އަޅުގަޑުމެންގެ ރަށްފުށުގައި ތިބި ރީތި ލޯބި އަންހެން ކުދިންގެ މޫނުމަތިން މިއަދު، ފެން ލިބެން ފެށީމާ، ފެންނަ ޗާލުކަން އަޅުގަޑުމެންނަށް ފެނޭ. އެބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނިކުތަސް މީގެ ކުރިން، އަޅުގަޑުމެންނަށް އެބޭފުޅުންގެ ގަޔަކުން މާ މީރުވަހެއް ނުދުވާ. އެއީ ޗަކަފެނުން ފެންވަރަން ޖެހޭތީ. މިއަދު ވަރަށް ސާފު ފެނުން ފެންވަރައިގެން އަޅުގަޑުމެން މިތިބީ.

ރާޝިދުން އަންހެން ބޭފުޅުންނަށް ނިސްބަތްކޮށް، މީގެ ކުރިން ކަނބަލުންގެ ގައިން މީރުވަސް ނުދުވާކަމަށް ވިދާޅުވުމުން، ހުޅުދޫ ދާއިރާގެ މެމްބަރުން އިލްޔާސް ލަބީބު ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވިދާޅުވީ، ދިވެހި އަންހެން ބޭފުޅުނަށް މުޚާތަބްކޮށް އެހާ ބޭއަދަބީ ބަހެއް މަޖިލިހުގައި ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައެވެ.

އަދި މަޖިސް ރައީސް މުހައްމަދު ނަޝީދު ރާޝިދަށް ފާޑު ވިދާޅުވެ، އޭނާގެ ވާހަކަ ބަލައިނުގަނެވޭ ކަމަށް ވިދާޅުވިއެވެ.