މި އަހަރު ރާއްޖެ އަށް 2،500 ހައްޖު ކޯޓާ ހަމަޖައްސައި ދޭން އިސްލާމިކް މިނިސްޓްރީން ސައުދީ އަރަބިއްޔާގެ ސަރުކާރުގައި އެދިއްޖެއެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ދައުލަތު މީޑިއާ، ޕީއެސްއެމަށް ވިދާޅުވީ ހައްޖު ކޯޓާ 2،500 އަށް އިތުރުކޮށްދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން މިހާރު އެދިފައިވާ ކަމަށާއި އެ އަދަދަށް ކޯޓާ ހަމަޖެހޭނެކަމުގެ އުންމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.
މީގެ ކުރިން ވެސް ސައުދީން ރާއްޖެ އަށް ހައްޖު ކޯޓާ އިތުރުކޮށް ދީފައިވެއެވެ.
މިހާރު ލިބިފައިވާ ކޯޓާގެ ދަށުން މީހުން ހައްޖަަށް ގެންދިއުމަށް ސަރުކާރުން މި އަހަރު ވަނީ ގްރޫޕްތަކަށް ވެސް ދޭން ނިންމައި، އެކަމަށް ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން ގްރޫޕްތަކަށް ޕްރޮފޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް އޮންނާނެއެވެ.
އަދި އޭގައި ބައިވެރިވާން މި މަހުގެ ތެރޭގައި ކުރިން 10،000ރ. ގެ ފީއެއް ދައްކަން ޖެހެއެވެ.