މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ބޭނުންވާ 50،000 އާއިލާ ދިރިއުޅޭއިރު، އެންމެ 4،000 ގޯތި ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް މާލެ ސިޓީގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މޭޔަރު މިހެން ވިދާޅުވެފައިވަނީ މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ އެންމެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކައިގައި މޭޔަރު ވަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މުހިންމުކަން، މާލެ ސިޓީ ކައުންސިލަށް އޮޅިފައި ނުވާކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން ގެދޮރާއި ބިމުގެ ދަތި ކަމަކީ މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށް މޭޔަރު ރޭ ވެސް ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މާލޭގައި ގެދޮރުގެ ދަތިކަން ތަހައްމަލު ކުރަމުން އަންނަ 50،000 އާއިލާ އުޅޭ ކަމަށެވެ.

މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވެން އޮއްވާ، އެކަން ނުކޮށް، މާލެ ސަރަހައްދުން ބޭރުގެ ބަޔަކަށް ބިން ދިނުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭގެ ގެދޮރުގެ މައްސައިގެ ހައްލެއްގެ ގޮތުގައި ކ.ގުޅިފަޅުން 280 ހެކްޓަރުގެ ބިން ހިއްކައި، ފުށި ދިއްގަރު ފަޅުން، 900 ހެކްޓަރުގެ ބިން ހިއްކައި، ގިރާވަރު ފަޅުން 200 ހެކްޓަރުގެ ބިން ހިއްކުމަކީ ކުރެވޭޭން އޮތް ކަމެއް ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މޭޔަރު ވިދާޅުވީ މި ބިންތައް ހިއްކައިގެން ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް އެކަން ހަމަޖައްސައިދެވޭނެ ކަމަށެވެ.

”މާލޭގެ ރައްޔިތުންނަށް ގެވަޅު ލިބެންޖެހޭނެކަމާ، އެކަން ކުރެވޭނެކަން އަޅުގަނޑުމެން ދެންނެވީ، އަޅުގަނޑުމެންނަށް އެކަން ކަށަވަރުވާތީ. ކުރެވޭނެކަމުގެ ޔަގީންކަން އޮތީތީ. ކަމާބެހޭ ހުރިހާ ހޯދުންތަކެއް ހޯދާ، މައްސަލައިގެ ހައްލު ދައްކާފަވާތީ. މިއަދުވެސް އެ ހައްލު އަޅުގަނޑުމެންގެ އަތުގައި އެބައޮތް.“

މޭޔަރު ވިދާޅުވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވިދާނެކަން ދަލީލު ކޮށްދޭ އެއް ކަމަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މުޅިން އާ ޝަހަރެއް ބިނާކޮށްފައި އޮތް އޮތުން ކަމަށެވެ.

މޭޔަރު ވަނީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން ކުރަން ބޭނުންވާ އެއްވެސް ކަމަކަށް ސަރުކާރުން އިޖާބަ ނުދެއްވާކަން ފާހަގަކުރައްވައިފައެވެ.

ސަރުކާރުގެ ފަރާތުން މިކަމުގައި ބޭނުންވަނީ އެންމެ ކަމެއް ކަމަށާއި، އެއީ ސިޓީ ކައުންސިލާ މަޝްވަރާކޮށްގެން ބޯހިޔާވަހިކަމާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދިޔުން ކަމަށެވެ.