އަމީނީ މަގުގައި ތާރު އެޅުމުގެ މަޝްރޫއު ކުރިއަށްދާ ގޮތަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު، ރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by Asuru

މާލެ ސިޓީ ކައުންސިލުގެ މި އަހަރުގެ އެންމެ ފުރަތަމަ ”ރައްޔިތުންގެ ބައްދަލުވުން“ ރޭ ވަނީ ބާއްވާފައެވެ. މި ބައްދަލުކުރުމުގައި މޭޔަރު ވަނީ، މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލުން ޕްލޭންތަކެއް ކުރަމުން އައިކަން ފާހަގަކުރައްވާފައެވެ.

އެގޮތުން 39 މިލިއަން ރުފިޔާއަށް، އަމީނީ މަގު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ހަމަޖައްސާފައިވަނިކޮށް، އެ މަޝްރޫއު ކުރިއަށް ގެންދިޔަ ނުދީ، ހުއްޓުވުމަށްފަހު، ނުވަ މަސް ފަހުން އާރްޑީސީއަށް 84 މިލިއަން ރުފިޔާއަށް ހަވާލު ކުރިކަމަށް މޭޔަރު ވިދާޅުވިއެވެ.

”ހަތް މަސް ދުވަހުގެ ތެރޭގައި ނިންމަން ކަމަށް ބުނެ ފެށި މަސައްކަތް، ހަ މަސްވީއިރު އަދި ތާރު އެޅިފައި އޮތީ މުސައްލައެއްހާ ތަންކޮޅެއްގަ.“

އަމީނީ މަގުގައި ސްޓެލްކޯއާ ހަމައަށް ވަނީ ތާރު އަޅާފައެވެ. މޭޔަރު ވަނީ، މިއީ މަސައްކަތުގެ އެންމެ 10 ޕަސެންޓުކަން ފާހަަގަކުރައްވާފައެވެ.

މޭޔަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ނިންމާފައި އޮތީ، އަމީނީ މަގު ހިމެނޭނެހެން، މާލޭގެ ބޮޑު 16 މަގެއްގައި ތާރު އެޅުމަށް ކަމަށެވެ. އަދި އިތުރު 90 ‏މަގެއްގައި އަލުން ގާ އަތުރައި، ޒަމާނީ ފެންވަރަކަށް ޒީނަތްތެރި ކުރުމަށް ވެސް އޭރު ނިންމާފައި އޮތްކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

”މަސައްކަތް ނުހުއްޓުވިނަމަ، ސިނަމާލެ ބްރިޖް ނިމުނު ފަދައިން، މި މަސައްކަތްވެސް އޮތީހީ ނިމިފަ.“

މޭޔަރު އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް ”އަޑިގުޑަން“ ކަމުން ހިނގާބިނގާވެ އުޅޭ މީހުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.