ނާކާމިޔާބު ވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް، އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސިޔާސީ މަސައްކަތުގައި އިހުލާސްތެރި ހިތަކައިގެން، އެއްގޮތެއްގައި ދިގުމުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަމަށާއި، އެކަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށެވެ.
”ނާކާމިޔާބު ވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫނެވެ.“ އިމްރާންގެ ޓްވީޓްގައިވެއެވެ.
ސަރުކާރު ކޯލިޝަންގައި މިހާރުވެސް ހިމެނޭ އަދާލަތުން ވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބަށްވެސް، އެމްޑީޕީއާއެކުގައި ނުކުންނަން ނިންމައިފައެވެ.
އެ ޕާޓީގެ މި ނިންމުމަށް، ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ރައީސް ޞާލިޙާއެކު ތިބުމަށް ނިންމާ ނެރުއްވި ޤަރާރުގައި ވަނީ މިވަގުތުގެ ޙާލަތުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީއަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހަށް ފެންނަކަމަށެވެ.