ސަރުކާރު މުވައްޒަފުންނަށް މިމަހުގެ 19 ގައި ރޯދަ އިނާޔަތް ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

Ads by Asuru

ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރުފިޔާ ދޭން ޖެހެއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު މާލިއްޔަތާ ބެހޭ ސަރކިއުލާގައި ބުނެފައި ވަނީ މިއަހަރުގެ ރޯދަ އިނާޔަތް ފައިސާ މުވައްޒަފުންނަށް މިމަހުގެ 19 ގައި ދޭނެ ކަމަށެވެ. މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭ އިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ކަމަށް ވެސް ސާކިއުލާގައި ބުންޏެވެ.

އަދި އިތުރު ވަޒީފާއެއް އަދާކުރާ އޮފީހަކުން އިނާޔަތް ނުދިނުމަށް ވެސް އޭގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް، ”ޕޭ ލީވް ސްކޮލަޝިޕް މުވައްޒަފުން އަދި ”ނޯ ޕޭ ލީވް“ ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް ވެސް ފިނޭންސުން އަންގާފައިވެއެވެ.

އެފަދަ ލީވެއްގައި ހުންނަ މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި އޮފީހަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށް ވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ކަލަންޑަރުގައިވާ ގޮތުން ރޯދަ މަސް ފެށެނީ މި މަހުގެ 23 ގައެވެ.