އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދަށް އިސްލާހު ގެނަޔަސް، ރާއްޖޭގައި އޮޓޯ ރިކްޝޯ ދުއްވުމުގެ ހުއްދަ ނުދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ތިން ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކެޓަގަރީއެއް އިތުރުކުރީ ރިސޯޓުތަކާއި ބައެއް ރަށްރަށުގައި ބަގީގެ ގޮތުގައި ޕަސިންޖަރުން އުފުލަން ބޭނުންކުރާ އުޅަނދުތަކެއް ހުންނާތީ ކަމަށެވެ.
އަދި ކުރިން ޤަވާއިދުގައި ބަގީތަކަށް ޚާއްސަ ކެޓަގަރީއެއް ނޯންނާތީ ފުށުއެރުންތަކެއް ދިމާވެ އަދި ރިސޯޓްތަކުގައި ބޭނުންކުރާ ބަގީތައް މިހާތަނަށް އޮތީ ރަޖިސްޓްރީ ނުކުރެވި ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި ތިން ފުރޮޅުލީ އުޅަނދެއްގެ ގޮތުގައި އޮޓޯ ރިކްޝޯ ރަޖިސްޓްރީކޮށެއް ނުދޭނެއެވެ.
އަދި މިހާރު ކޮންމެ އުޅަނދެއް ރަޖިސްޓްރީކޮށް ދޭނީ އޭގެ ފޮޓޯ ބެލުމަށްފަހު ކަމަށް ވެސް އެ އެ މިނިސްޓްރީން ވިދާޅުވިއެވެ.
އޮޓޯ ރިކްޝޯއަކީ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ޓެކްސީ ކުރުމަށް ބޭނުންކުރާ އުޅަނދުތަކެކެވެ. އެހެން ނަމަވެސް މިހާތަނަށް އެފަދަ އުޅަނދުތައް ރާއްޖޭގައި ދުއްވުމުގެ ހުއްދައެއް ނުދެ އެވެ.