ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، މުޖުތަމަޢާ ގުޅިގެން ޚިދުމަތް ދިނުން، ނުވަތަ ކޮމިޔުނިޓީ ޕޮލިސިންގް ދެމެހެއްޓުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

އިއްޔެ ފެށި ”ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން 2023 ކޮންފަރެންސް“ ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ވަނީ ފުލުހުންނާ މެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭނީ ފުލުހުންނަކީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް، ރައްޔިތުންގެ ތެރެއިން އުފެދިފައިވާ މުޖްތަމަޢުގެ އެއްބައިކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން ކަމަށް ވިދާޅުވެފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި 2021 ވަނަ އަހަރު ޢަމަލުކުރަންފެށި ފުލުހުންގެ އާ ގާނޫނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރެވޭނީ މުޅި މުޖްތަމަޢު ޝާމިލުވާ ގޮތަށް ވަށައިޖެހޭ ނިޒާމެއްގެ ތެރޭގައި ފުލުހުންގެ ހިދުމަތް ބައްޓަންކޮށްގެންނެވެ.

އެހެންވެ ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ތަރައްޤީ ކުރުމަށް، މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވިދާޅުވިއެވެ.

އަދި އޭގެ ނަތިޖާ އެއްގެ ގޮތުން ވޭތުވެ ދިޔަ ފަސް އަހަރު ބޮޑެތި ކުރިއެރުންތަކެއް ސަރުކާރުން ހޯދާފައިވާ ކަމަށާއި މިހާރު ކުރީ ސަފުގައި ޚިދުމަތް ކުރާ ފުލުހުންގެ އޮފިސަރުން، ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފެށުމާއި ޓޭޒާ ގަން ފަސަ ވަސީލަތްތައް ބޭނުން ކިރަން ފެށިކަން ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު އައްޑޫގައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ޤާއިމުވުމަކީ ވެސް، ޒަމާނީ ތަޢުލީމު ލިބިފައިވާ ފުލުހުން ބިނާކުރުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިއްޔެ ފެށި ފުލުހުންގެ ކޮންފަރެންސަކީ ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން ރާއްޖޭގެ ތާރީޚްގައި ވެސް އަދި ފުލުހުންގެ ޚިދުމަތުގެ ތާރީޙުގައިވެސް މިހާތަނަށް ބާއްވާ ފުރަތަމަ ކޮންފަރެންސެވެ.

އަދި މީގެ އަމާޒަކީ ދިވެހި ފުލުހުންގެ ޚިދުމަތް ޒަމާނީކޮށް ފެންވަރު ރަނގަޅުކުރުން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ތަޖުރިބާކާރުންގެ އިރުޝާދާއި ޢިލްމީ ހަގީގަތްތަކުގެ އަލީގައި ކަންކަމާ މަޝްވަރާކުރުމުން، ނެރެވޭ ނަތީޖާ ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. އަދި މި ފަދަ ޢިލްމީ ކޮންފަރެންސެއް އިންތިޒާމުކުރި ކަމަށްޓަކައި، ޕޮލިސް ބޯޑަށާއި ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންގެ ޚިދުމަތަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.