ސަޢުދީ އަރަބިއާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީން މިއަދު ބަހަން ފަށައިފިއެވެ.

Ads by Asuru

ސައުދީ ސަރުކާރުން މި އަހަރު ރާއްޖެއަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ކަދުރު ބެހުމުގެ ކަންކަން މިއަދުން ފެށިގެން އަންނަ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެކަމަށެވެ.

އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ލޮބީގައި ކަދުރު ބެހުން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިފަހަރު ކަދުރު ބަހަނީ މިއަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުންނެވެ. އަދި ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ބާކީ ކަދުރުތައް އެހެނިހެން ގޭބީސީތަކަށް ބެހުމަށް ވަނީ ނިންމާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރުކަމަށެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން މި އަހަރު އެ މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު، އެ ކައުންސިލްތަކުންނެވެ.