ޒަކާތު ފަންޑުން ތިން އަހަރުގެ ތެރޭގައި، ބޭސް ފަރުވާއަށް 35 މިލިއަނަށް ވުރެ ބޮޑު ޚަރަދެއް ކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Asuru

ޒަކާތު ފަންޑުން ބޭސްފަރުވާއަށް ޚަރަދުކުރުމާއި ގުޅޭގޮތުން މަޖިލީހުގައި އިސްމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު ޢަލީއާއި ސުވަލުކުރެއްވުމަށް ހުށައެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާޙިމް ރަޝީދު(ބޮންޑެ)އެވެ.

ބޮންޑެ އެއްސެވީ، ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދޭ އުސޫލަކީ ކޮބައިތޯއާއި ވޭތުވެ ދިޔަ ތިން އަހަރު ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ކުރި ޚަރަދުގެ ތަފްސީލަކީ ކޮބައިތޯއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އިސްލާމިކް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވީ، ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީދެނީ ފުދުންތެރިކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް އެހީ ދިނުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ.

އަދި ފާއިތުވި 2019، 2020، 2021 ތިން އަހަރު މި އުސޫލުގެ ދަށުން 35 މިލިއަނަށް ވުރެ ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވެއެވެ.

އެގޮތުން 2019 ވަނަ އަހަރު 22.5 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 6.3 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 7 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ބޭސް ފަރުވާއަށް ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

މިއީ މީގެ ހަ މަސް ކުރިން މެމްބަރު ފޮނުވާފައިވާ ސުވާލަކަށް ދެއްވި ޖަވާބުކަމުން 2022 ވަނަ އަހަރުގެ ހަރަދު ތަކެއް ހިމަނާފައެއް ނުވެއެވެ. މެމްބަރު އިބްރާހިމް ރަޝީދުވެސް ވަނީ ސުވާލަށް ޖަވާބު ދިނުން މިހާ ލަސްވުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން މިއީ 180 ދުވަސް ވަންދެން ”ގަލުގައި އަޅާފައިވާ“ ސުވާލެއްކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.