ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ރައީސް މިހެން ވިދާޅުވީ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ސެޝަން ޗެއަރކުރައްވައި ސެޝަން ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ސެޝަން އަމާޒުކޮށްފައި ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ މައްޗަށެވެ. މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންނަވާފައިވާ ބަދަލުތަކާއި އަދި އެ ބަދަލުތަކާއެކުވެސް އަދިވެސް ރަނގަޅު ކުރަންހުރި ކަންކަން ހުރިކަން ފާހަގަކުރައްވައި އެކަންކަމުގެ ބައެއް ތަފްސީލުތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ބްލޮކް ގްރާންޓްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކައުންސިލުތަކަށް އިތުރު އާމްދަނީ ހޯދޭނެ ކަންކަން ފަހިކޮށްދެއްވާފައި ވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް އަދިވެސް ބްލޮކް ގްރާންޑް ދޭ ފޯމިއުލަރއާ ގުޅޭގޮތުންނާއި ކައުންސިލްތަކުގައި އިހްތިސޯސްގެ ތެރޭގައި ހުންނަ ތަންތަނުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ކުރިމަތިވާ ދަތިތައްފަދަ ކަންކަން އަދިވެސް ކުރިމަތިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަންކަމާއި އަދި އިތުރަށް ފާހަގަކުރެވޭ ކަންކަމާ މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިން ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

ކޮންފަރެންސް ފުރަތަމަ ސެޝަންގައި މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނަކާއި އައިލްސް އާއި ގުޅޭ ޕްރެޒެންޓޭޝަނެއްގެ އިތުރުން އިޖްތިމާއީ ބަދަހި މަދަދުވެރިން،“އިބަމަ“ ޕްރޮގްރާމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށހެޅިގެން ދިޔައެވެ.

މި ޕްރެޒެންޓޭޝަންތަކުގެ ތެރޭން މަސްތުވާތަކެއްޗާ ގޭންގް ކުށްތަކާ ގުޅޭ ޕްރެޒެންޓޭޝަންގައި މި ކުށްތަކުގެ ހާލަތާއި ކުށްތައް ހުއްޓުވުމަށް ގައުމީ ފެންވަރުގައި ކުރެވުމުންދާ މަސައްކަތްތައް ފުލުހުންގެ ފަރާތުން ކޮންފަރެންސްގެ ބައިވެރިންނާ ހިއްސާ ކުރެއްވިއެވެ.

މަސްތުވާތަކެއްޗާ ގޭންގް ކުށްތަކާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރުމަށް ރައީސް ސޯލިހު ނިންމަވައި ކަމާގުޅޭ އިދާރާތަކުގެ އިސްވެރިން ހިމެނޭހެން އެމަނިކުފާނު ވަނީ އެކަމަށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައްވާފައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވަނީ މަސްތުވާތަކެއްޗާ ގޭންގް ކުށްތައް އެއީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އިޖްތިމާއީ އެއް މައްސަލައިގެ ދެ ގޮފީގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ސެޝަންގައި ކައުންސިލަރުން ”ފަނޯއްލަ“ ދަރުބާރުގައި މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާއި ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ފުރުސަތު ދެއްވިއެވެ.