މި އަހަރުގެ ރިޔާސީ އިންތިޚާބުގައި، ކޯލިޝަނެއްގައި މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީން އެމްއެންޕީއަށް ދިން ދައުވަތަށް އެ ޕާޓީން ދެކޮޅު ހަދައިފިއެވެ.

Ads by Asuru

ޖޭޕީއާއެކު ކޯލިޝަން ހަދަން ދެކޮޅުކަން ހާމަކޮށް، އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީން ސިޔާސީ ޕާޓީތަކަށް ފޮނުވި ދައުވަތު މޯލްޑިވްސް ނެޝަނަލް ޕާޓީއަށް 3 އޭޕްރީލް 2023 ގައި ލިބުމުން، އެ ދަޢުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު އެ ޕާޓީން ނިންމާފައިވަނީ އެހެން ޕާޓީއަކުން އިސްވެ އޮންނަ ކޯލިޝަނެއްގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބައިވެރި ނުވުމަށް ކަމަށެވެ.

އެހެންނަމަވެސް ޖުމްހޫރީ ޕާޓީއިން ކޯލިޝަން ހެދުމަށް ދައުވަތެއް ފޮނުއްވިކަމަށްޓަކައި އެޕާޓީއަށް އެމްއެންޕީން ޝުކުރު އަދާކޮށްފައި ވެއެވެ.

ޖުމްހޫރީ ޕާޓީން ހުށަހެޅި ފަދަ ކޯލިޝަނެއްގައި އެންއެންޕީން ބައިވެރިވުމަކީ، އެޕާޓީގެ އަސާސީ ޤަވާޢިދުގައި ކަނޑައަޅާފައިވާ ޝަޚްސީ މަޤުޞަދު ގެއްލޭނެ ޢަމަލަކަށްވުމުގެ އިތުރުން، އެ ދައުވަތު ޤަބޫލުކުރުމަކީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ކުރިމަތިލާނެ ކަމަށް ކެނޑިނޭޅި ރައްޔިތުންނަށް ދެމުންދިޔަ ޔަޤީންކަން ގެއްލިގެންދާނެ ކަމަކަށް ވާތީކަމަށްވެސް އެމްއެންޕީން ބުނެއެވެ.

އޭގެ އިތުރުން، އެހެން ޕާޓީއެއްގެ ފަހަތަށް ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެރުމަކީ އެމްއެންޕީގެ އާންމު މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރާ ފަރާތްތަކުގެ ވިސްނުމާ ފުށުއަރާނެ ނިންމުމެއްކަމުގައިވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.