ރާއްޖޭގެ ފަސް ރަށެއްގެ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ، ޖައިކާ އިން ސޮއިކޮށްފިއެވެ.

Ads by Asuru

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީ އާމިނަތު ޝައުނާއެވެ. އަދި ޖައިކާގެ ފަރާތުން، ޖައިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވްއެވެ.

މި މަޝްރޫއު އަކީ ދިވެހި ސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ގުޅިގެން، ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

މި މަޝްރޫޢުގެ ދަށުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދްރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރުކުކުރުމަށްވެސް ވަނީ ރޭވިފައެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ވަސީލަތްތައް ތަރައްޤީ ކުރެވިގެންދާނެއެވެ.

މިމަޝްރޫޢަށް ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރު، ޖައިކާގެ ފަރާތުން 35.4 އެމެރިކާ ޑޮލަރު އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ދިވެހި ފައިސާއާއި ވަސީލަތްތައް ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.