ދިވެހިންގެ މެދުގައި ގައިން ގަޔަށް ނާރާ ބަލިތައް ވަރަށް ގިނަ ކަމަށާއި އެކަން ގިނަވަމުން އަންނަ ސަބަބު ހޯދުމަށް އިލްމީ ދިރާސާއެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Asuru

ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބެއްގައި ރައީސް ވިދާޅުވީ އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި ކުރަންޖެހޭ މަސައްކަތް، އެއް ގައުމުން އަނެއް ގައުމާވެސް ތަފާތުވާ ކަމަށެވެ. ރާއްޖޭގެ މިހާރުގެ ހާލަތާއި ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ ހިދުމަތުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، އާއްމު ސިއްހަތުގެ ދާއިރާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

“އޭގެ ތެރެއިންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ އެއްކަމަކީ، ސިއްހަތަށް ފައިދާ ހުރި ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ސާފު ބޯފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އަނެއް ކަމަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ،” ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ނިޒާމުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިއުންކަން ފާހަގަކުރެއްވިއެވެ.

ވަކިން ހާއްސަ ގޮތެއްގައި ކެންސަރު ބައްޔާއި ހިތުގެ ބަލިތަކާއި ނޭވާލާ ނިޒާމާ ގުޅުން ހުރި ބަލިތަކުގައި ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމަކީ، ސިއްހީ ޚިދުމަތުގެ ނިޒާމަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.