އިއްޔެ ނ. މަނަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ ނައީމާ މޫސާ (62އ)ގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގިކަން ފުލުހުން ހާމަކޮށްފިއެވެ.

Ads by Asuru

ފުލުހުން މިރޭ ވަނީ، ނައީމާގެ މަރާ ގުޅޭ ބައެއް މައުލޫމާތު ހިއްސާކޮށް ނޫސް ބަޔާނެއް ނެރެފައެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު އެނގޭނަމަ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާ ހިއްސާ ކުރުމަށް ވެސް އެ ބަޔާނުގައި އެދުނެވެ.

ފުލުހުން ބުނީ، ނައީމާގެ ޚަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ އިރުއޮއްސި 6:13 ހާއިރު ކަމަށެވެ.

މި ރިޕޯޓާ ގުޅިގެން ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލި އިރު އޭނާ ދިރިއުޅޭ ކޮޓަރި ތެރޭ ތަޅުންގަނޑުމަތީގައި އަނިޔާތަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއެވެ.

ފުލުހުން ބަޔާނުގައި އިތުރަށް ބުނީ، ނައީމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ނުހަދަން ނިންމީ، ތަހުލީލަށް ބޭނުންވާ ސާމްޕަލްތައް އޭނާގެ ހަށިގަނޑުން ނަގައި، ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ކަމަށެވެ.

އަދި އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރެވި، މިއަދު ހަވީރު 5:20 ހާއިރު، ވަޅު ލާފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދިނެވެ.