އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންދިއުމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.

Ads by Asuru

ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި، ޖަމީލު ވިދާޅުވީ މި ސަރުކާރުގެ ޕްރޮސިކުޝަނަކީ ސިޔާސީ މެޝިނެއް ކަމަށެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބޭނުންވާ ސިޔާސީ ދައުވާތައް ރައީސް ޔާމީންގެ މައްޗަށް ކުރުން ނޫން ދެވަނަ ކަމެއް ޕީޖީ ނުކުރާކަން މިއަދު ސާބިތުވެފައިވާ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

”މިހާރުން މިހާރަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުރިހާ ދައުވާތައް އަނބުރާ ގެންދަން ގޮވައިލަން.“ ޖަމީލުގެ ޓްވީޓުގައިވެއެވެ.

ވ.އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާ ސާބިތުވުމުން އެމަނިކުފާނަށް އިއްވެވި 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު، އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

މީގެއިތުރުން ރ.ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު އެ މައްސަލަ އޮތީ ޝަރީއަތް ފެށުމުގެ މަރުހަލާގައެވެ.