ނ. މަނަދޫގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

Ads by Asuru

މަނަދޫން މިކަމަށް އިއުލާންކޮށްފައި މިވަނީ އެ ރަށުން މަރާލާފައި އޮތް އުމުރުން ދުވަސްވީ މީހަކު ފެނިފައިވާ ދަނޑިވަޅެއްގައެވެ. ވަޅި ހަރައި މަރާލާފައި އޮއްވައި ފެނުނީ މަނަދޫ އަންނާރުމާގޭ ނައީމާ މޫސާ، 62، އެވެ.

މަނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މަނަދޫގެ އެކި ސަރަޙައްދުތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކަމާ ބެހޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ރަޖިސްޓްރީވާން ހުޅުވާލާ ކަމަށެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މައުލޫމާތު ސާފުކުރުމަށް ހާޒިރުވެ، މައުލޫމާތު ސާފުކުރާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އިއުލާނުގައިވެއެވެ.

ފުލުހުން ބުނީ ނައީމާ ދިރިއުޅޭ ގެއަށް ވަދެ ބެލިއިރު އޭނާ ދިރިއުޅޭ ކޮޓަރިތެރޭ ތަޅުގަނޑުމަތީގައި އަނިޔާތަކަކާއެކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ. ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރެވޭތީ މަރުގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް މަނަދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަަމަށް ފުލުހުން ބުންޏެވެ.

އަދި ނައީމާގެ ހަށިގަނޑު ބަލައި ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމުމުން ހަށިގަނޑު އާއިލާއާ ހަވާލުކޮށް މިއަދު ހަވީރު 5:20 ގައި ވަޅުލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.