ހަތަރު ރަށެއްގައި ކުނި މެނޭޖް ކުރާ މަރުކަޒު އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ.

Ads by Asuru

އެންވަޔަރަމެންޓު މިނިސްޓްރީން މަރުކަޒުތައް އަޅަނީ ދ. މާއެނބޫދޫ, ތ. ތިމަރަފުށި އަދި ތ.ގުރައިދޫ އަދި ފ. ނިލަންދޫގައި ކަމަށެވެ.

މީގެ ތެރެއިން ގުރައިދޫ، ތިމަރަފުށި، މާއެނބޫދޫގެ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު ހެދުމަށްޓަކައި ހަވާލު ކުރީ ވެހިކަން ބިލްޑާސްއާ އެވެ. ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލު ކުރީ އެ ކުންފުންޏާއި އެވެ.

މި އެއްބަސްވުމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސާރުއެެވެ. ވެހިކަން ބިލްޑާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ރަޝީދުއެެވެ.

މިއަދު ހަވާލުކުރެވުނު މި ހަތަރު މަޝްރޫއުގެ އަގަކީ ޖުމްލަ 17,849,885.15 ރުފިޔާއެވެ.

މާއެނބޫދޫ ސެންޓަރުގެ މަސައްކަތުގެ އަގަކީ 4.3 މިލިއަން ރުފިޔާއެވެ. ތިމަރަފުށީގެ މަސައްކަތުގެ އަގަކީ ފަސް މިލިއަން ރުފިޔާއެވެ. އަދި ގުރައިދޫގެ މަސައްކަތުގެ އަގަކީ 4.4 މިލިއަން ރުފިޔާއެވެ.

ނިލަންދޫ ވޭސްޓް އެންޑް ރިސޯސް މެނޭޖްމަންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ 4.1 މިލިއަން ރުފިޔާއެވެ.

މި ހަތަރު މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް ހަ މަސް ތެރޭގައެވެ.