ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ ޑެކްގެ މަސައްކަތް، މާލެ ފަޅިން ފަށާފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

Ads by Asuru

ބްރިޖްގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަޕްޑޭޓްތައް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން މިޕްރޮޖެކްޓާއި ހަވާލުވެހުންނެވި ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު ޖިނާން ވިދާޅުވީ، ބްރިޖްގެ އެކި މަސައްކަތްތައް އެކި މަރުޙަލާގައި ކުރަމުންދާކަމަށެވެ. އެގޮތުން މާލެ ފަޅިން އެއްގަމުގައި ޖަހާ ތަނބުތަކުގެ މައްސަކަތުގެ ބޮޑު ބައި ނިމި މިހާރު މައި ޑެކްގެ މަސައްކަތް މާލެ ފަޅީގައި ފަށާފައިވާކަމަށް ޖިނާން ވިދާޅުވިއެވެ.

ޖިނާން ވިދާޅުވީ، ބްރިޖްގެ މައި ޑެކް ނުވަތަ ސުޕަރސްޓްރަކްޗަރގެ މަސައްކަތް ކުރަމުން އަންނަނީ ގުޅީފަޅުގައި ޤާއިމުކޮށްފައިވާ ބްރިޖްގެ މައި ސައިޓުގައިކަމަށެވެ.

އަދި އެމަސައްކަތާއި ބްރިޖްގެ ތަނބުތަކުގެ މަސައްކަތް ނިމެމުންދާ ވަރަކަށް ޑެކް ގުޅާލުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. ޖިނާން ވިދާޅުވީ، ބްރިޖް ގުޅީފަޅުގެ އެއްގަމާއި ގުޅޭ ހިސާބުގައި ޖަހަންޖެހޭ ތަނބުތަކުގެ މަސައްކަތްވެސް މިހާރު ކުރަމުން އަންނަކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މާލެ ފަޅިން ކުރަމުންދާ މަސައްކަތުގެ ތެރޭގައި މި ސަރަޙައްދުގެ ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ 2 ތަނބެއްގެ މަސައްކަތްވެސް ކުރަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

ބްރިޖްގެ މުހިއްމު ގިނަ މަސައްކަތްތަކެއް މިވަގުތު ވިލިމާލެ ފަޅިންވެސް އަންނަނީ ކުރަމުންނެވެ.

އެގޮތުން ވިލިމާލެ ފަޅިން ބްރިޖަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

ހަމައެއާއެކު ވިލިމާލޭގެ މޫދުން ތިލަ ސަރަޙައްދުތަކުގައި ތަނބުތައް ޖެހުމަށް ބޭނުންވާ ވަގުތީ ޕްލެޓްފޯމް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު، ބޮޑު މަސައްކަތެއްގެ ގޮތުން ވިލިމާލެ ސަރަޙައްދުގައި ކަނޑުގައި ޖަހާ 6 ތަނބެއް ކަނޑަށް ފެއްތުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެ މިނިސްޓްރީއިން ވިދާޅުވެއެވެ.