މިއަދު އޮންނަ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑި އެމްޑީޕީ އަށް ގެއްލުވާލަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރުން މަސައްކަތް ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރައްވައިފިއެވެ.

Ads by Asuru

ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަނީ އިބްރާހީމް ޝާޒްއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފައްޔާޒު ފޮނުވި މެސެޖެއްގައި ވިދާޅުވީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

”ޕާޓީގެ އިސް ސަފުގައި ތިބި ބޭފުޅުން އެމްޑީޕީއަށް ގުރައިދޫ ދާއިރާގެ ގޮނޑި ގެއްލުވާލުމަށް ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ކުރާ މަސައްކަތް އެންމެ ހަރުކަށި ބަހުން ކުށްވެރިކުރަން.“ ފައްޔާޒު ފޮނުވި މެސެޖެއްގައިވެއެވެ.

ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ ތުންފިއްތުން މިހާރު މުޅިން އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށާއި ގަސްތުގައި ޕާޓީ ފުނޑުފުނޑުކޮށްލަން ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

”އިހުތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް.“ ފައްޔާޒު ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ.