ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީން ކާމިޔާބު ކުރުމަކީ ޕާޓިއަށް ލިބުނު ބޮޑު ކުރިއެރުމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ހުސެއިން ރިޒާ އާދަމް އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފާއި ވާދަކޮށްގެންނެވެ.
މި އިންތިހާބު ކާމިޔާބުވުމާއި ގުޅިގެން ޝާޒް އަށް މަރުހަބާ ދަންނަވާ ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި އިންތިހާބުން ހާމަވެގެން ގޮސްފައި ވަނީ ސަރުކާރާއެކު ދާއިރާގެ ރައްޔިތުން ތިއްބެވިކަން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ފުރަތަމަ ފަހަރަށް ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ވުމަކީ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.